ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ފްލެޓަށް އެދޭއިރު، ބެލެނިވެރިޔާކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަންނުޖެހޭ ގޮތްހަދައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ފްލެޓަށް ކުރިމަތިލާ ބެލެނިވެރިން، އެ ފަރާތަކީ ބެލެނިވެރިޔާކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭގޮތަށް ނިންމައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަފްތަރުގައި ބެލެނިވެރިޔާގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ފޯމު ފުރާއިރު އިތުރު ސާބިތުކުރުމުގެ ލިޔުމެއް ބޭނުމެއް ނުވާނެ ކަމަށެވެ.

މީގެ ކުރިން އުސޫލުތައް އެކުލަވާލާފައި އޮތްގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ކެޓެގަރީން ބޯހިޔާވަހިކަމަށް އެދެވެނީ ހަމައެކަނި އެފަރާތްތަކަށް އަމިއްލައަށެވެ. ނަމަވެސް، އަމިއްލައަށް ކަންކަން ކުރުމަށް އުނދަގޫވާ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، އެފަރާތްތަކުގެ ޝަރުޢީ ނުވަތަ ޤާނޫނީ ބެލެނިވެރިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް މިނިސްޓްރީން ފަހުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ވޭތުވެދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މުހިންމު މަޢުލޫމާތުތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ނައްތާލައި، އެ އާއިލާތަކަށް ލުއިމިންވަރުތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ފްލެޓަށް ޝަރުތު ފުރިހަމަވުމަށްޓަކައި މާލެ ސަރަހައްދުގައި ދިރިއުޅެންޖެހޭ ކަމަށް ކަނޑައަޅާފައިވާ މުއްދަތު ވެސް ކުރިއަށްވުރެ ބޮޑުތަނުން ކުޑަކޮށްދީފައިވާކަން މިނިސްޓްރީގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.