ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ޚާއްސަ އޮޕަރޭޝަނެއް ކާމިޔާބުކޮށްފި
ގދ. ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ޚާއްސަ އޮޕަރޭޝަނެއް ކާމިޔާބުކޮށްފިއެވެ.
ސިއްހަތާއި އިޖުތިމާއީ ކަންކަމާ ބެހޭ ވުޒާރާއާއި ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ މެޑިކަލް ކޭމްޕެއްގެ ތެރެއިން، އެ ހޮސްޕިޓަލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮށްފައި ވަނީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމާ ގުޅޭ ބޮޑު އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ބަލިމީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއްގެ އިތުރުން ފެލޯޕިއަން ޓިއުބުގައި ހުރި ފައިބްރޯމާއެއް ނެގުމަށް ކުރެވުނު ލެޕަރޮސްކޯޕިކް ސާޖަރީއެކެވެ. މިއީ ބަނޑު ބޮޑުކޮށް ނުފަޅައި، ކުދި ލޯވަޅުތަކެއް އަޅައިގެން ޒަމާނީ ކެމެރާގެ އެހީގައި ކުރެވޭ ފަރުވާއަކަށް ވުމުން، ހަށިގަނޑަށް ލިބޭ ގެއްލުމާއި ތަދުވުން ކުޑަވެފައި، ބަލިމީހާ އަވަހަށް ރަނގަޅުވުމަށް މަގުފަހިކޮށްދެއެވެ.
އެކި ބަލިތަކަށް ފަރުވާދޭ 10 ސްޕެޝަލިސްޓުންނާ އެކު ކުރިއަށްގެންދިޔަ މި ސާޖިކަލް ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ޑރ. އުބައިދު އަބްދުﷲއެވެ. މި ތާރީޚީ އޮޕަރޭޝަންގައި އޭނާގެ އިތުރުން ޑރ. އާމިނަތު ނުޝްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުހައްމަދު، ޑރ. މުހައްމަދު އަމީން ހާމިދު، ޑރ. މުހައްމަދު ހަމްޒާ އަދި ޑރ. މަހްމޫދު ސައްޔިދު އަހުމަދު މުހައްމަދު ސައުދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ. އާންމުކޮށް އެންޑޯމެޓްރިއޯސިސް އާއި ސިސްޓު އަދި ފައިބްރޮއިޑް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ކުރާ މިފަދަ ޒަމާނީ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުން ލިބެން ފެށުމަކީ ރާއްޖޭގެ ދެކުނުގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.