ޕޭޕަލްގެ ޚިދުމަތަކީ ބައިނަލްއަޤުވާމީ ޑިޖިޓަލް މާކެޓަށް ދިވެހިންނަށް ހުޅުވުނު ފުޅާ ދޮރެއް: ސަޢީދު
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތަކީ ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤުތިޞާދުގައި ދިވެހި ވިޔަފާރިތަކާއި އާންމުންގެ ޙިއްޞާ ފުޅާވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރާއްޖޭގައި އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހިން މުޢާމަލާތްކުރުމަށް ހުރި އެންމެ ބޮޑު އެއް ހުރަސް ނައްތާލެވިއްޖެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ 17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، މި ދާއިރާ ކުރިއެރުވުމަށްޓަކައި މެދުކެނޑުމެއްނެތި ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ޕޭޕަލް ފުރިހަމައަށް ގުޅިގެން ދިޔުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމުގެ އާބާދީ މަދުވުމާއި ރާއްޖެ އުފެދިފައިވާ ޖަޒީރާވަންތަ ގޮތަކީ ޒަމާނީ ޓެކްނޮލޮޖީގެ ރޭހުގައި ދިވެހިން ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫންކަން މި އިންޤިލާބީ ބަދަލުން ސާބިތުކޮށްދީފިކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ހަރުދަނާ ލީޑަރޝިޕަކާ އެކު ސާފު ތަޞައްވުރެއް އޮވެގެން އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްފިނަމަ، ބޭނުންވާ ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.