ޚަބަރު

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރާއްޖެ ބަނދަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދިފާއީ ބާރު

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ނޭވީ މަނަވަރު،  މިއަދު ހުޅުމާލޭ ބަނދަރަށް ގެނެސްފިއެވެ.

އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ރާއްޖެއަށް ކުރި މި ދަތުރަކީ ދިވެހި ސިފައިންގެ ތާރީޚުގައި ވެސް ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރެވެ. ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާއި ޚާއްޞަ ވޯޓަރ ސެލިއުޓަކާ އެކު ހުޅުމާލެއަށް މި އުޅަނދު ވަނުމާ އެކު، މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ. އުޅަނދު ބަނދަރުކުރުމާ އެކު މި ދެ ބޭފުޅުން ވަނީ މަނަވަރަށް އަރައިވަޑައިގެން އެ އުޅަނދު ބައްލަވާލައްވާފައެވެ.

ދިފާއީ ބާރުން މަޢުލޫމާތު ދޭގޮތުގައި، މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލުކަން ދެގުނައަށް އިތުރުކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެވުނު މުހިންމު މަސައްކަތްތަކެއްގެ ނަތީޖާއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދޭ، އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ތެރެއިން ލިބުނު އެހީތެރިކަމެކެވެ.

އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން، ދިވެހި ސިފައިން ވަނީ އެ ޤައުމުގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!