ޚަބަރު

ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން
ރައީސް ނަޝީދު ބޭއްވި ކެންޕެއިން ހަރަކާތެއްގެ ތެރެއިން. ދެން އިމޭޖްސް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ސަބަބުތަކާހުރެ ވަޒީފާއިން ވަކިކުރަމުންދާތީއާއި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާތީ ކަމަށްބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ސެކްރެޓޭރިއެޓުން ހުށަހެޅި މި ޤަރާރުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަން ހިނގަމުންދާއިރު އެ ޕާޓީއަށް ހިމޭނުން ނުތިބެވޭނެކަންވެސް ބަޔާންކޮށްފައިވެއެވެ.

ފާސްކުރެވުނު ޤަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ އެއްވެސް އިންސާފެއް ނެތި، ހަމައެކަނި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދައުލަތުގެ ކުންފުނިތަކުން މީހުން ކަނޑަމުންދާ މައްސަލައާއި، އަތޮޅުތެރޭގައި ހިންގަމުންދިޔަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލާފައިވާ މައްސަލައެވެ. މިގޮތުން، ނިމިދިޔަ ސަރުކާރުގައި ނުވަދިހަ އިންސައްތައަށް ނިމިފައިވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.

މި ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ޤައުމީ މަޖިލީހަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ މައިގަނޑު ތިން ފިޔަވަޅެއް އެޅުމަށް ފާސްކޮށްފައެވެ. އޭގެ ތެރޭގައި، ސިޔާސީ ދައުވާތަކާއި ވަޒީފާއިން ކެނޑުމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމާއި، އަނިޔާ ލިބެމުންދާ މުވައްޒަފުންނަށް ޕާޓީގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.