ވެލާ ކަނހަބުތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން އަދިވެސް ރާއްޖެ އޮތީ ސާބިތުކަމާއެކު: މިނިސްޓްރީ
ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިސްއަޅަން އަރާ ވެލާކަހަނބުތަކަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އަދިވެސް އޮތީ ސާބިތުކަމާއެކު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން އެފަދައިން ހާމަކުރީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ވެލާ ކަހަނބުގެ ދުވަހާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ގިނަ އަދަދަކަށް ވެލާކަހަނބު ބިސްއަޅަން އަރާ ގައުމަކަށްވާއިރު، އެ ސޫފިތަކުގެ ނަސްލު ރައްކާތެރިކުރުމަށްޓަކައި ގޮނޑުދޮށްތަކުގެ ދިރުން ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެެވެ. ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެލާ ބިސްއަޅާ މަޝްހޫރު ސަރަހައްދުތައް ބަލަހައްޓައި، އެ ތަންތަނަކީ އިންސާނުންގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެފައިވާ އަމާން ތަންތަނަށް ހެދުމަށް އިސްކަންދޭކަން މިނިސްޓްރީން ބުންޏެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެލާ ބިސްއަޅާ މަޝްހޫރު ސަރަހައްދުތައް ބަލަހައްޓައި، އެ ތަންތަނަކީ އިންސާނުންގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެފައިވާ އަމާން ތަންތަނަށް ހެދުމަށް އިސްކަންދިންކަން ފާހަގަކުރިއެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ވެލާކަހަނބަކީ ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ގޮނޑުދޮށްތައް ތަޣައްޔަރުވުމުގެ ސަބަބުން އެ ތަކެތީގެ އާބާދީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެންކަމުން، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ވެލާ އަރާ ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި އެ ސޫފިތަކަށް އުނދަގޫވާ ފަދަ ކަންކަމުން ދުރުހެލިވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.