ޚަބަރު

މޭޔަރު އާޒިމްގެ އަމަލުތަކަކީ މީޑިއާ ސްޓަންޓެއް، ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްޠަލިބް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް / ފޮޓޯ: ރައީސް އޮފީސް

މާލޭ ސިޓީ ކައުންސިލާ ދެމެދު ހިނގާ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ ހަމައެކަނި ލިޔެކިޔުމުންކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިދިޔަ ބުރާސްފަތި ދުވަހު އަންގަވައިފިއެވެ.

މޭޔަރަށް އެޑްރެސްކުރައްވައި ވަޒީރު ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައި ވަނީ، ދެ ބޭފުޅުންގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގެ މައުލޫމާތު ނުބައިކޮށް އާންމުންނަށް ފޯރުކޮށްދެއްވުމަށް މޭޔަރު މަސައްކަތްކުރައްވާ ކަމަށެވެ. އަދި އާންމު ސަމާލުކަން ހޯއްދެވުމަށް "މީޑިއާ ސްޓަންޓް" ނުޖައްސަވައި، ރަސްމީ އިދާރީ އުސޫލުތަކުގެ ތެރެއިން ލިޔުމުން ކަންކަމަށް އެދިވަޑައިގަތުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޑރ. މުއްޠަލިބް ލަފާދެއްވާފައިވެއެވެ. މީގެ އިތުރުން މާލޭގެ އުމްރާނީ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގައި ކައުންސިލްގެ އެހީތެރިކަން ނުލިބޭކަމުގެ ކަންބޮޑުވުން ވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މިފަދަ ސިޓީއެއް ވަޒީރު ފޮނުއްވާފައި މި ވަނީ، މޭޔަރު އާޒިމް މިދިޔަ ބުދަ ދުވަހު ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހިންގާ ދަރުބާރުގެއަށް ވަޑައިގެން، ވަޒީރު ބައްދަލުނުކުރައްވައި "ފިއްލަވައިގެން" އުޅުއްވާކަމަށް ވިދާޅުވެ މީޑިއާތަކުގައި ވާހަކަދައްކަވާފައި ވަނިކޮށެވެ. ރަސްމީކޮށް ލިޔެކިޔުމުން ހުށަހެޅުމުގެ ބަދަލުގައި، މޭޔަރު މިފަދަ ގޮތަކަށް އަމަލުކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.

މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ބޭނުންފުޅު ވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން އައު މަސްމާރުކޭޓު އިމާރާތްކުރުމާ ގުޅޭގޮތުން ސަރުކާރާ އެކު މަޝްވަރާކުރެއްވުމަށެވެ. ނަމަވެސް، މަސްމާރުކޭޓު ތަރައްގީކުރަން ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް އެދި ވުޒާރާއިން އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވުމުން ވެސް ކައުންސިލުން އެކަމަށް އިޖާބަދީފައިނުވާކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި ބިން ހަވާލުކޮށްފައި ނުވުމުގެ ސަބަބުން އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.