ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ވިޔަފާރި ބަނދަރު / ފޮޓޯ:އެމްޕީއެލް

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނުނުކަމަށް ބުންޏެވެ. އެގޮތުުން އެ ޝިޕްމަންޓްގެ ތެރެއިން ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ހަފްތާގައި ވެސް ކަނޑުމަގުން ގެނައި ޝިޕްމަންޓްއަކުން 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނެސް، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. އެއާ އެކު އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.