ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ އަސަރުކުރާނެ: ރައީސް
ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުންން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ އަސަރުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ހުންނަ ފެނަކަ އަދި އާރުޑީސީ ފަދަ ކުންފުނިތަކުގެ ބްރާންޗުތަކުން އެ ބްރާންޗަތަކަށް ބޭނުންނުވާ ވަރަށް ވުރެ މާ ގިނައިން އެ ތަންތަނުން ވަޒީފާ ދިނުމުގެ ސަބަބުން ރަށް ރަށުގައި މަހަށް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންވެ އޭގެ އަސަރު މަސްވެރިކަމުގެ ސިނާއަތަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް"ޕޮޑްކާސްޓްގެ ސިލްސިލާގެ 2ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސްވެސް ވަނީ ގިނަ ބަޔަކަށް ކުންފުނިތަކުން ވަޒީފާތައް ދިނުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކުރިކަން ފާހަގަކުރައްވައިފައެވެ.
އަދި ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށްޓަކައި ތަންފީޒުކުރަން އުޅޭ ސިޔާސަތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ އޭގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާއަތްވެސް ހިމެނޭހެން، ރާއްޖޭގެ އިގުތިސާދަށް ކުރަން ފަށާނެކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއްގެ ތެރެއިން އެ ކަންކަން ހައްލުކުރެއްވުމަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްގީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.