ކަނޑުމަގުން އެތެރެކުރަން އުޅުނު 15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15،000އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިރޭ ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، އިއްޔެ، މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އަދި އެ އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެގޮތުން ޖުމްލަ 15،601ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން 2024ވަނަ އަހަރުގެ ނޮވެމްބަރު މަހު މަނާކުރި ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ.
ފާއިތުވި ފަސް ދުވަހު ކަސްޓަމްސްއިން ހިންގި ތިން އޮޕަރޭޝަނެއްގައި 22،309ވޭޕް ކާޓްރިޖް އަތުލައިގެންފައި ވެއެވެ.
ކަސްޓަމްސްއިން ބުނީ އެ މައްސަލަތައް މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50000ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.