ޚަބަރު

ތަޢުލީމީ ދާއިރާގައި މިއާންޒް ކޮލެޖުން ހޯދި ހަލުވި ކާމިޔާބީއަށް ފަސްޓް ލޭޑީ ތަޢުރީފުކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސް އޮފީސް

ތަޢުލީމީ ދާއިރާގައި މިއާންޒް ކޮލެޖުން ހޯދި ހަލުވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތަޢުރީފުކުރައްވައިފިއެވެ.

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ހަރުދަނާ ޖީލެއް ބިނާކުރުމަށް މިއާންޒް ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، މިއީ މުޅި ދައުލަތް ވެސް ފަޚުރުވެރިވާފަދަ ނަމޫނާ މުއައްސަސާއެއް ކަމަށެވެ. އަދި ތަޢުލީމަކީ އިންސާނާގެ ތަރައްޤީގެ އަސާސްކަން ފާހަގަކުރައްވައި، ހަގީގީ ތަރައްޤީއަކީ މީހާގެ ކިބައިގައި ހުންނަ ރިވެތި އަޚުލާޤާއި އުޅުމުން ފެންނަން ހުންނަ ސިފަތަކެއްކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ފަސްޓް ލޭޑީ ވަނީ، އިސްލާމްދީނަށް ލޯބިކުރާ، ޤައުމީ ރޫޙު ހުރި އަދި އަމިއްލަ މަސައްކަތުން ކުރިއަރަން މަސައްކަތްކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ޙަފުލާގައި މިއާންޒް ކޮލެޖުގެ ބާނީ އަދި ޗެއަރމަން އަޙްމަދު މުއްތަކީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. ހަމައެއާ އެކު، އެ ކޮލެޖުގެ ރަސްމީ ލަވަ ތަޢާރަފުކުރުމާއި ދަރިވަރުންގެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ އިފުތިތާހުކުރުން ވެސް ކުރިއަށް ދިޔައެވެ. ދައުލަތުގެ ބައެއް އިސްވެރިންނާއި، ބޭރުގެ ސަފީރުންގެ އިތުރުން ކޮލެޖުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުވައްޒަފުން މި ތާރީޚީ ޙަފުލާގައި ބައިވެރިވެވަޑައިގަތެވެ.