ޚަބަރު

ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު މުބީންއެވެ.

އެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 37.5 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުނ،ް 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެ ކަމަށެވެ. އަދި އެ ތަނުގައި ސިއްހީ ހިދުމަތްދޭ ތަނަކާއި އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއްގެ އިތުރުން ރިކްރިއޭޝަން ކަންކަމަށް ވެސް ސަރަހައްދެއް ހާއްސަކުރާނެ ކަމަށެވެ.

ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރުމުގެ މަސައްކަތް ނިމުމުން އެ ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެ، އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާއީ ގޮތުން ވެސް ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ށ. އަތޮޅުގައި ވެރިކަން ކުރާ ފުނަދޫ އަކީ 4186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!