ބޭރުގެ އަސްކަރީ މަރުކަޒެއް ނުހެދޭނެ: އޮސްޓްރޭލިއާއާއި ވަނުއާޓޫގެ އެއްބަސްވުމާއެކު ޗައިނާއަށް ބޮޑު ގޮންޖެހުމެއް
އޮސްޓްރޭލިއާއާއި ވަނުއާޓޫއާ ދެމެދު ސޮއިކުރެވުނު އައު އެއްބަސްވުމެއްގެ ދަށުން، ވަނުއާޓޫގައި ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ޗައިނާއިން ކުރަމުންދިޔަ އުންމީދުތަކަށް ބޮޑު ހުރަހަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ޕެސިފިކް ސަރަޙައްދުގައި އަސްކަރީ ބާރުވެރިކަން ހޯދުމަށް ޗައިނާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ، މި އެއްބަސްވުމުގެ ސަބަބުން ވަނުއާޓޫގައި "ބޭރުގެ އެއްވެސް އަސްކަރީ މަރުކަޒެއް ނުހުންނާނެކަން" ކަށަވަރުވެގެން ގޮސްފައިވާކަން ހާމަކުރައްވާފައެވެ. އަލްބަނީޒް އާއި ވަނުއާޓޫގެ ބޮޑުވަޒީރު ޖޯތަމް ނަޕަޓް "ނަކަމާލް އެގްރީމަންޓް" ގައި ސޮއިކުރެއްވީ ހޯމަ ދުވަހު ކެންބަރާގައެވެ. މިއީ ޗައިނާގެ ނުފޫޒާ ހެދި މި އެއްބަސްވުމުގެ ފުރަތަމަ މަސައްކަތް ހުއްޓުމަކަށް އައިތާ 10 މަސް ފަހެވެ.
"މި އެއްބަސްވުމުން ދައްކުވައިދީ ކަށަވަރުކޮށްދެނީ، ވަނުއާޓޫގެ އިގުތިސާދީ، ސަލާމަތީ އަދި ތަރައްގީގެ އެންމެ ބޮޑު، އަދި އެންމެ ފުރިހަމަ ބައިވެރިޔަކީ އޮސްޓްރޭލިއާކަން. މިއީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގާ ޒިންމާއެއް،" އަލްބަނީޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެ ގައުމުން ވެސް ވަނީ "އަޅުގަނޑުމެންގެ ޖަމާޢީ އަދި ފަރުދީ ސަލާމަތާއި ސިޔާދަތު ރައްކާތެރިކޮށްދޭނެ ހަމަހަމަ އެއްބަސްވުމެއް ނިންމާފައި" ކަމަށެވެ. އަދި "މިއީ އަޅުގަނޑުމެން ދެ ގައުމު ނިސްބަތްވާ މި ސަރަޙައްދުގެ ހަމަޖެހުމާއި، ތަނަވަސްކަމާއި، ސަލާމަތްތެރިކަމަށް އޮތް ޝައުގުވެރިކަމަށް އެހީތެރިވެދޭނެ ކަމެއް" ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕެސިފިކް ސަރަހައްދުގެ ސަލާމަތަކީ "ޕެސިފިކް އައިލެންޑް ފޯރަމްގެ މެންބަރުން ހިމެނޭ ޕެސިފިކް އާއިލާގެ ގުޅިފައިވާ ޒިންމާއެއްކަމަށް އޮންނަ އިއްތިފާގަށް މި އެއްބަސްވުމުން ބާރުދޭ" ކަމަށް އަލްބަނީޒް ވިދާޅުވިއެވެ. މިއީ ޗައިނާ ނުހިމެނޭ ޖަމިއްޔާއެކެވެ. އޭނާ ވިދާޅުވީ، "ވަނުއާޓޫގެ ސަރަހައްދުގައި ބޭރުގެ އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ އުމްރާނީ ވަސީލަތެއް ގާއިމުކުރުމުގެ ހުއްދަ ނުދިނުމަށާއި، އެ ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތައް އަސްކަރީ ބޭނުންތަކުން އެއްކިބާވެފައި އޮތުމަށް ވަނުއާޓޫއިން ނިންމި ސިޔާދަތީ ނިންމުން މި އެއްބަސްވުމުގައި ހިމެނޭ" ކަމަށެވެ.
ވަނުއާޓޫގެ ކޯލިޝަން ސަރުކާރުން ކުރިން ކަންބޮޑުވުން ފާޅުކުރީ، އެ ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ހަނިކުރާ ގޮތަށް އޮތް ފުރަތަމަ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ލިބޭ ފައިސާ ހުއްޓިދާނެތީއެވެ. މިކަމުގެ ސަބަބުން، މިދިޔަ އަހަރު އަލްބަނީޒް ވަނުއާޓޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަން ޖެހިވަޑައިގަތީ އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރެވި، ހަމައެކަނި ފޮޓޯތަކަކާއި މަޝްވަރާކުރުމުގެ ވައުދުތަކަކާއެކުގައެވެ. ނަމަވެސް އެ ދަތުރުފުޅުގެ ކުރިންވެސް އެއްބަސްވުމުގައި ގާތްގަނޑަކަށް ސޮއިކުރެވިފައިވާ ކަމަށް އޭރު މައުލޫމާތު އެނގޭ ފަރާތްތަކުން ނިއުސްވައިއާއަށް ކިޔައިދީފައިވެއެވެ.
ހޯމަ ދުވަހު ސޮއިކުރި އާ އިސްލާހުގައިވާ ގޮތުން، އެހެން ގައުމުތަކުން ފައިސާ ހޯދުމަށް ވަނުއާޓޫއަށް ހުރަހެއް ނެތެވެ. ނަމަވެސް މުހިންމު އުމްރާނީ ވަސީލަތްތަކުގައި "ތިންވަނަ ފަރާތެއް ބައިވެރިކުރުމަށް ހުށަހަޅާނަމަ އޮސްޓްރޭލިއާއާ މަޝްވަރާކުރަން" އެ ގައުމަށް މަޖުބޫރުވާނެއެވެ. އަދި ވަނުއާޓޫގެ މުހިންމު އުމްރާނީ ވަސީލަތްތަކަކީ "އަސްކަރީ ކަންކަމާއި، ބޭރުގެ އެއްވެސް ނުފޫޒަކުން ނުވަތަ ހުއްދަނެތް ވަނުމަކުން ސަލާމަތްވެފައިވާ" ތަންތަނަށް ވާންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއާއަކީ އެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ކަންކަމުގެ އެންމެ އިސް ބައިވެރިޔާކަންވެސް މި އާ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.
ޗައިނާއާއެކު ވެވޭ މިފަދަ އެހެން އެއްބަސްވުމަކާ ގުޅޭގޮތުން ވަނުއާޓޫގެ ބޮޑުވަޒީރު ނަޕަޓް މާބޮޑު ތަފްސީލެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ އެކަމަށް އަދި "ބެއިޖިންގގެ ހުއްދަ" ބޭނުންވާ ކަމަށެވެ. "އެހެންވީމާ، މިވަގުތު އޭގައި އަދި ސޮއިނުކުރެވޭ،" އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ސަރުކާރުން އެ އެއްބަސްވުން އޮސްޓްރޭލިއާއާ ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ. "ފޮރުވާނެ އެއްޗެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރެއް. އަދި ނަކަމާލް އެގްރީމަންޓް ހިއްސާކުރުމުގެ ހުއްދަ ބޮޑުވަޒީރު އަޅުގަނޑަށް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ނަޕަޓް ވިދާޅުވިއެވެ.