ޚަބަރު

ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ 17 އުޅަނދެއް ޖޫރިމަނާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: މާލެ ސިޓީ ކައުންސިލް

ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ 17 އުޅަނދެއް ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ޖޫރިމަނާކުރީ، ވިލިމާލޭ ފަޅުގައި އަޅާފައިވާ އުޅަނދުތައް ބަލައިފާސްކޮށް ވިލިމާލެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކަމަށާއި ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތައް ކަމަށް ވެސް ބުނެފައިވެއެވެ.

ވިލިމާލެ ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި އުޅަނދުތަކާމެދު ފިޔަވަޅު އަޅަންފެށީ ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި ވިލިމާލޭގެ ފަޅަކީ، މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވެފައި ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުފަހަރު މަދުކުރުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ހުރިހައި ފަރާތްތަކުން ވެސް އަމަލުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!