838,434 ރުފިޔާގެ ތަކެތި މިދިޔަ ހަފްތާގައި ވަގަށް ނެގި، %98 ތަކެތި ހޯދި
ނިމުނު ހަފްތާގައި ވަގަށް ނަގައިގެން ރިޕޯޓު ކުރި ތަކެތީގެ އަގު 838،434 ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 5އިން 11 ޖުލައި 2026ގެ ނިޔަލަށް، މާލޭ ޕޮލިހަށް ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލިގެން ރިޕޯޓްކޮށްފައިވާ ތަކެތީގެ އަންދާޒާ އަގު 838,434 ދިވެހި ރުފިޔާއަށް އަރައެވެ. އަދި މި މުއްދަތުގައި ގެއްލުނު ތަކެތީގެ ތެރެއިން 826,730 ދިވެހި ރުފިޔާގެ ތަކެތި ހޯދާފައިވާއިރު މިއީ ރިޕޯޓްކުރެވުނު ޖުމްލަ ގެއްލުމުގެ 98 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މައްސަލަ ތަހުގީގުކޮށް ވަގަށް ނަގާފައިވާ ތަކެތި ހޯދައި އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް ޓަކައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތާއި ދައްކުވައިދޭ މިންނެތް ހިތްވަރެކެވެ. މިގޮތުން ހޯދޭ ކޮންމެ އެއްޗަކީ ފުލުހުންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި، ދޫނުދީ ކުރާ މަސައްކަތުގެ އިތުރުން، މުޖުތަމަޢަށް ޚިދުމަތްކުރުމަށް އޮތް ސާބިތުކަމުގެ ނަތީޖާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި ފޯރުކޮށްދޭންޖެހޭ ފުލުހުންގެ ޚިދުމަތްތައް ދިނުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ވަައްކަމުގެ 1،912 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.