ޚަބަރު

މާރީމާރީއެއްގައި 16 އަހަރުގެ ކުޑަފިރިހެން ކުއްޖަކު ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީ ހިންގައި، އެ މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 8:40 ހާއިރެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއްވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ޒުވާން ކުދިންތަކެއް އެކަކު އަނެކަކު ގައިގައި އަތްލައި އެއްޗެހި އުކައި ހަމަނުޖެހުން ހިންގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!