ޚަބަރު

ސިއްޙީ ދާއިރާގެ ނުފެށި ހުރި މަޝްރޫޢުތަކަކަށް ކުރީ ސަރުކާނުފެށި ހުރި މަޝްރޫޢުތަކަކަށް ކުރީ ސަރުކާރުން 60 މިލިޔަން ރުފިޔާ އިސްރާފުކުރި: ވަޒީރު ޤީލާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ / ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ފާއިތުވި އެމްޑީޕީ ސަރުކާރުން ސިއްޙީ ދާއިރާގެ އެކި މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓަރުންނަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމަށް ފަހު އަމަލީ މަސައްކަތް ފެށިފައި ނުވުމުގެ ސަބަބުން 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭކާރުވެފައިވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ އިންތިޒާމުގެ ދަށުން ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކާ ހަވާލުކޮށް އެޑްވާންސްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް އެއްގޮތަކަށް ވެސް ފެށިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާތަނަށް 16 މަޝްރޫޢެއްގެ އެއްބަސްވުން ބާތިލުކޮށްފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ. އަދި އެ ފަރާތްތަކަށް ދީފައިވާ 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ ޤާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށޭނެ ގޮތްތައް ހޯއްދަވަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ޔަޤީންވުމުން ނޫނީ އަމަލީ މަސައްކަތް ކުރިއަށް ނުގެންދިޔުން ކަމަށެވެ. މިގޮތުގެ މަތިން، އަތޮޅުތެރޭގެ ރަށްރަށުގައި ލެބޯޓަރީތައް ޤާއިމުކުރުމާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައް މިހާރު ވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މީގެ އިތުރުން، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިނގަމުންދާ ވަގުތުތަކުގައި ވެސް ރައްޔިތުންނަށް ދެވޭ ފަރުވާގެ ނިޒާމަށް އެއްވެސް ކަހަލަ ބުރޫއެއް ނާރާނެހެން އިންސާނީ ވަސީލަތްތައް ފުރިހަމަކޮށް، ޚިދުމަތްތައް އޮމާންކަމާއެކު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވެސް ވަޒީރު ޤީލާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!