ކްރިސްޓިއާނޯ ރޮނާލްޑޯ ފޭނުންނަށް ހިތާމަވެރި ޚަބަރެއް: ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވެއްޖެ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން އިން އިން އާންމުކުރި ސްޓޭޓްމެންޓެއްގައެވެ.
ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ތަރި، ކޮވިޑަށް ފައްސިވުމާއެކު މިހާރު ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުން ރިލީސް ދީފައެވެ.
އެއާއެކު ޔޫއޭފާ ނޭޝަންސް ލީގުގައި މާދަމާ، ޕޯޗުގަލް އިން ސްވިޑެން އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރޮނާލްޑޯ ނުކުޅޭނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑޯ ކޮވިޑަށް ފައްސިވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް ސެލްފް އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.