ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަ ކޯލް ސެންޓަރަކާއި ހެލްޕް ޑެސްކެއް ތަޢާރަފުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ފަސޭހައިން މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްޞަ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއް ޤާއިމުކޮށްފިއެވެ.

މި އައު ޚިދުމަތާ އެކު ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން އޮޅުންފިލުވުމަށް ޢާންމުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އަލަށް ތަޢާރަފުކުރި ނަންބަރު ކަމަށްވާ 4004-900 އަށެވެ. ކޯލް ސެންޓަރުގެ އިތުރުން ހެލްޕް ޑެސްކުގެ ޚިދުމަތް ވެސް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.

ސަރުކާރުން އެންމެ ފަހުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދިފައިވާ 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 ފޯމެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ކުރިއަށްގެންދަނީ ހުށަހަޅާފައިވާ މި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަރުޙަލާއެވެ.

ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ފަސްއަހަރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!