ޚަބަރު

ކުށުގެ މުދާ ދައުލަތަށް ނެގޭ ގޮތަށް ހުށަހެޅި ބިލަށް އޭސީސީގެ ތައުރީފް، ބުނީ މިއީ ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭސީސީގެ ރައީސް ޝާމިލް/ ފޮޓޯ: އޭސީސީ

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ހުށަހެޅި ބިލަށް އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތައުރީފްކޮށްފިއެވެ.

"ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު"ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ އިއްޔެއެވެ.

އެކަމާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީހީ މުހިންމު ފިޔަވަޅެއްކަމަށެވެ.

އަދި އެ ނިންމުމަށް އޭސީސީން ވަނީ މަރުހަބާ ކިޔައިފައެވެ.

އޭސީސީން ބުނީ އެ ބިލުގެ ސަބަބުން، ކޮރަޕްޝަންގެ ކުށްތައް  ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤު މަންފާ އަނބުރައި ދައުލަތަށް ނަގައި، ގާނޫނާ ހިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެންދާނެ ކަމަށެވެ.

އަދި އެ މުހިންމު ފިޔަވަޅަކީ، މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށް ވެސް ބުންޏެވެ.

"​ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ގާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި ކޮމިޝަން އަބަދުމެ ދެމި އޮންނާނެއެވެ"އޭސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ އެ ކޮމިޝަންހެ އުއްމީދަކީ އެ ބިލު ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!