ޚަބަރު

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ނޭޕާލް އާއި ޓިބެޓްގެ ބޯޑަރު ސަރަހައްދަށް މިއަދު އައި ސްނޯގެ ތޫފާނަކާއެކު ވިރިފައިވާ ގަނޑުފެންތައް ކޯރަކަށް އެޅި ފެންބޮޑުވުމުގެ ހާދިސާގައި 100އެއްހާ މީހުން މަރުވެ އެތަކެއް ސަތޭކަ ބަޔަކު ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ ފަތުރުވެރިން ވެސް ހިމެނެއެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު މިއަދު  ނޭޕާލުގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށާއި މުދަލަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެމަނިކުފާނު ނުހަނު ހިތާމަކުރައްވާ ކަމަށެވެ.

އަދި އެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ. އަދި އެ ހާދިސާގައި ފުރާނަގެއްލުނު އާއިލާތަކުގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.

އޭގެ އިތުރުން، އެ ހާދިސާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ހެޔޮއެދުންތައް ވެސް ފޮނުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!