ޚަބަރު

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާނުލާނެ: ޚާރިޖީ ވަޒީރު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޚާރިޖީ ވުޒާރާ

ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ އަނިޔާވެރިކަމުން ސަލާމަތްކޮށް އެފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ދިވެހިރާއްޖެއިން ކުރަމުންދާ ވަކާލާތު ކުރުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަމުން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގެ އިތުރުން، މި ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ވަޒީރު ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.

އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ދުނިޔޭގެ މުޖުތަމައު ނުކުޅެދިފައިވާތީ އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރައްވައި، "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް"އަށް އަމަލުކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާމީ އުއްމަތް ގުޅިގެން މަސައްކަތްކުރުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ހިތްދަތި ހާލަތަށް ލުޔެއް ހޯދުމުގެ މަގުސަދުގައި އިސްލާމީ ގައުމުތަކުގެ އިސްވެރިންނާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ހަވާސާގައި އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. 57 ގައުމު ހިމެނޭ އޯއައިސީގެ މެންބަރަކަށް 1976ވަނަ އަހަރު ރާއްޖެ ވީއްސުރެ، ދިވެހިރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި އެ ޖަމިއްޔާގައި ނަމޫނާ ދައްކަމުން އަންނަ ގައުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!