ޚަބަރު

އިއުލާނުކުރުމަކާ ނުލައި ކައުންސިލްތަކުން ވަޒީފާދޭ މައްސަލަތަކެއް ފެންމަތިވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
"އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

އިއުލާނުކުރުމެއް ނެތި ބައެއް ކައުންސިލްތަކުން ވަޒީފާ ހަމަޖައްސައިދެމުންދާ މައްސަލަތަކެއް ފެންމަތިވެ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކަންކަން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، ކައުންސިލްތަކަށް މީހުން ނެގުމުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ހޯދަން ދާދިފަހުން އެންގީ ސީދާ މިފަދަ ގޯސްތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. އެއީ ކައުންސިލްތަކުގެ އިޚުތިޔާރުތައް ހަނިކުރުމަށް އެޅި ފިޔަވަޅެއް ނޫންކަމަށާއި، ޤަވާއިދާ އެއްގޮތަށް މުވައްޒަފުން ނެގުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ނިމާލް ފާހަގަކުރެއްވި ގޮތުގައި، ފެނަކަ އަދި އާރުޑީސީ ފަދަ ކުންފުނިތަކުން ތިން މަހުގެ މުސާރަ ނެގުމަށް ފަހު ވަކިވާ މީހުން، ޖެހިގެން އަންނަ ދުވަހު ނުވަތަ ހަފުތާގައި ކައުންސިލްތަކުގެ ވަޒީފާތަކަށް ނުކުންނަކަމުގެ ޝަކުވާތައް ޢާންމު ރައްޔިތުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ. އެގޮތުން ހުޅުވާލައިގެން އިއުލާނުކުރުމަކާ ނުލައި މުވައްޒަފުން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މުއައްސަސާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވައި ނިޒާމު ހަމަމަގަށް އެޅުވުމަކީ ކުރައްވަންޖެހޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ސިޔާސަތަކީ ދައުލަތުގެ މާލީ ބުރަ ލުއިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިގޮތުން ވަޒީފާއިން ދޫކޮށްލާ ފަރާތްތަކަށް މާލީ އެހީތެރިކަމެއްގެ ގޮތުން ތިން މަސްދުވަހުގެ އުޖޫރަ ދިނުމުގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށް ލޯނުގެ ފުރުޞަތުތައް ވެސް ވަނީ ފަހިކޮށްދީފައެވެ.

އެހެންނަމަވެސް، ކުންފުނިތަކުން ވަކިކުރާ މީހުން އަލުން އަނބުރާ ދައުލަތުގެ އެހެން އިދާރާތަކުން، ޚާއްޞަކޮށް ކައުންސިލްތަކުން ވަޒީފާއަށް ނެގުމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު އަމާޒާ ޚިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުގެ ނަތީޖާ ނުނިކުންނާނެކަމުގެ ކަންބޮޑުވުން ރަށްރަށުގެ ޢާންމު ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!