ޚަބަރު

އެންމެ ސެޓެލައިޓަކުން 440 ސްޓާޓްއަޕަށް: އިންޑިއާގެ ޖައްވީ ދަތުރު އައު ހަރުފަތަކަށް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

1975 ވަނަ އަހަރު ސޯވިއެޓް ރޮކެޓެއްގައި އިންޑިއާގެ ފުރަތަމަ ސެޓެލައިޓް 'އާރްޔަބަޓާ' ޖައްވަށް ފޮނުވިއެވެ. އޭގެ 51 އަހަރު ފަހުން، މިއަދު އިންޑިއާއަކީ ހަމައެކަނި ސެޓެލައިޓް އުދުއްސާ ގައުމެއް ނޫނެވެ. އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) އިން ބިނާކުރި ވަރުގަދަ ޓެކްނޮލޮޖީގެ ބިންގަލުގެ މައްޗަށް ބިނާކޮށް، އިންޑިއާއިން މިހާރު ދަނީ ޖައްވީ ދާއިރާއާ ގުޅިފައިވާ މުޅިން އައު އިގުތިސާދަކާއި، ސިނާއަތަކާއި، އަދި ސްޓްރެޓީޖިކް އީކޯސިސްޓަމެއް ތަރައްގީކުރަމުންނެވެ. މަދު ވަސީލަތްތަކަކާއެކު ފެށި ގައުމީ ޕްރޮގްރާމް މިއަދު ވަނީ، އަމިއްލަ ކުންފުނިތަކާއި، ސްޓާޓްއަޕްތަކާއި، އަސްކަރީ އިދާރާތަކާއި، އިންވެސްޓަރުން އަދި ޔުނިވާސިޓީތައް ހިމެނޭ ބިޔަ ވިއުގައަކަށް ބަދަލުވެފައެވެ.

އިންޑިއާގެ ޖައްވީ ކާމިޔާބީތައް ގުޅިފައިވަނީ އިސްރޯއާއެވެ. އާރްޔަބަޓާ އާއި ޕީއެސްއެލްވީގެ އިތުރުން މަންގަލްޔާން އަދި ޗަންދްރަޔާން-3 ފަދަ އުޅަނދުތަކުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އެ ގައުމަށް ހުއްޓުނެވެ. ނަމަވެސް، މިއަށްވުރެ މުހިންމު ކަމަކީ، މި މަޝްރޫއުތަކުގެ ތެރެއިން އުފެދިގެން އައި ގާބިލު އިންޖިނިއަރުންނާއި، ސާމާނު ފޯރުކޮށްދޭ ފަރާތްތަކާއި، އަދި ޓެކްނޮލޮޖީގެ ފުޅާ އިލްމީ ޚަޒާނާއެވެ. ރޮކެޓް ޕްރޮގްރާމަކުން ފެންނަނީ ހަމައެކަނި ރޮކެޓެއް ނޫނެވެ. އޭގެ ފަހަތުގައި އުފެދޭ ބޮޑު ސިނާއަތެކެވެ.

2020 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް މި ދާއިރާ ހުޅުވާލުމާއި، 'އިން-ސްޕޭސް' (IN-SPACe) އުފެއްދުމާއި، އަދި އިންޑިއަން ސްޕޭސް ޕޮލިސީ 2023 ގެ ސަބަބުން މި ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. 2014 ވަނަ އަހަރު އެންމެ ސްޓާޓްއަޕެއް އޮތް ނަމަވެސް، 2026 ގެ އޮގަސްޓާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ 440 ސްޓާޓްއަޕް އެބައޮތެވެ. އަމިއްލަ އިންވެސްޓްމަންޓްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ރޮކެޓް އުދުއްސުމާއި، ސެޓެލައިޓް ވިއުގަތަކާއި، ޖައްވީ ޑޭޓާގެ ޚިދުމަތްތައް މިހާރު ވެފައިވަނީ ވިޔަފާރީގެ ބޮޑު ނަފާއެއް ލިބޭ ކަންކަމަށެވެ. ގައުމީ ޖައްވީ ޕްރޮގްރާމަކުން ފެށި އިންޑިއާ، މިހާރު މިސްރާބު ޖަހާފައިވަނީ ޖައްވީ ވިޔަފާރީގެ މާކެޓެއް ބިނާކުރުމަށެވެ.

މި ބަދަލަކީ ހަމައެކަނި ވިޔަފާރީގެ ބަދަލެއް ނޫނެވެ. މިއީ އިންޑިއާގެ އަމިއްލަވަންތަކަން (އާތްމަނިރްބަރްތާ) އާއި، ގައުމީ ސަލާމަތާއި އަސްކަރީ ތައްޔާރީތަކާ ގުޅިފައިވާ ކަމެކެވެ. މުވާސަލާތާއި ނެވިގޭޝަން އަދި އަސްކަރީ މައުލޫމާތު ހޯދުމަށް ޖައްވީ ވަސީލަތްތަކަށް ބަރޯސާވުން ވަނީ އިތުރުވެފައެވެ. އެހެންކަމުން އިންޑިއާގެ ޖައްވީ ދާއިރާގެ ކުރިމަގު ބިނާވާނީ، އިސްރޯގެ އެތައް އަހަރެއްގެ ތަޖުރިބާ ބޭނުންކޮށްގެން، ވިލުންތެރި ޖައްވީ ބާރަކަށް އެ ގައުމު ބަދަލުވާ މިންވަރެއްގެ މައްޗަށެވެ.

ވިކްރަމް ސަރަބާއީ އިންޑިއާގެ ޖައްވީ ޕްރޮގްރާމްގެ ބިންގާ އެޅުއްވިއިރު، ފައިސާއާއި ޓެކްނޮލޮޖީގެ ދަތިކަން އިންތިހާއަށް އޮތެވެ. އެހެންކަމުން، މުވާސަލާތާއި، މޫސުމް ލަފާކުރުމާއި، ދަނޑުވެރިކަމާއި، ތައުލީމު އަދި ކާރިސާތަކުން ސަލާމަތްވުން ފަދަ އަސާސީ ބޭނުންތަކަށް ޖައްވީ ޓެކްނޮލޮޖީ ބޭނުންކުރަން މަޖުބޫރުވިއެވެ. މި ވިސްނުމުގެ ތެރެއިން ޕީއެސްއެލްވީ އަކީ އިތުބާރު ހުރި އުޅަނދަކަށް ވެގެންދިޔައިރު، ޖީއެސްއެލްވީ ކާމިޔާބުވީ އެތައް ފަހަރަކު ނާކާމިޔާބުވުމަށް ފަހުގައެވެ. ޕީއެސްއެލްވީން 64 ދަތުރުކޮށްފައިވާއިރު އޭގެ ތެރެއިން 59 ދަތުރު ވަނީ ފުރިހަމައަށް ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީތައް އިންޑިއާއިން ހޯދި މިންވަރު ތަފާސްހިސާބުތަކުން ފެނެއެވެ. 2004 އިން 2013 އަށް އިސްރޯއިން 54 ސެޓެލައިޓް އުދުއްސާފައިވާއިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 31 ސެޓެލައިޓް ހިމެނެއެވެ. ނަމަވެސް 2014 އިން 2025 ގެ ނޮވެމްބަރާ ހަމައަށް 454 ސެޓެލައިޓް އުދުއްސާފައިވެއެވެ. މީގެ ތެރޭގައި ބޭރުގެ 398 ސެޓެލައިޓް ހިމެނެއެވެ. ޖުލައި 2026 އާ ހަމައަށް 'ނިއުސްޕޭސް އިންޑިއާ ލިމިޓެޑް' (NSIL) އިން ބޭރުގެ 141 ސެޓެލައިޓް އުދުއްސައި، އާމްދަނީ ވަނީ ދިހަގުނަ އިތުރުކޮށްފައެވެ. ހަމައެހެންމެ، އަސްކަރީ ބޭނުމަށް އުފެއްދި ނެވިގޭޝަން ނިޒާމު 'ނަވިކް' (NavIC) މިހާރު އަންނަނީ ދުއްވާ އެއްޗެހި ޓްރެކްކުރުމަށާއި، ރޭލުވޭ އަދި މަސްވެރިކަން ފަދަ މަދަނީ ގިނަ ބޭނުންތަކަކަށްވެސް ބޭނުންކުރަމުންނެވެ.

އިން-ސްޕޭސް އާއި އެންއެސްއައިއެލް ގެ ދައުރު ފުޅާވެ، އިސްރޯއިން ދިރާސާކުރުމަށް އިސްކަންދޭން ފެށުމާއެކު، އިންޑިއާގެ ޖައްވީ ދާއިރާގައި އަމިއްލަ ކުންފުނިތަކުގެ ހިއްސާ ވަނީ ބޮޑުވެފައެވެ. 2021-2022 ގައި 100.5 މިލިއަން ޑޮލަރުގައި އޮތް ޕްރައިވެޓް އިންވެސްޓްމަންޓްތައް، މާރިޗު 2026 އާ ހަމައަށް ވަނީ 618.5 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2026 ގެ އަހަރުގެ ތެރޭގައި އިތުރު 187 މިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފައެވެ. 'ސްކައިރޫޓް އެރޯސްޕޭސް' އިންޑިއާގެ ފުރަތަމަ ޖައްވީ ޔުނިކޯން އަށް ވީއިރު، 'ޕިކްސެލް'، 'އަގްނިކުލް ކޮސްމޮސް' އަދި 'ދުރުވާ ސްޕޭސް' ފަދަ ކުންފުނިތަކުން އަންނަނީ އަމިއްލަ ރޮކެޓާއި ސެޓެލައިޓްތައް އުފައްދަމުންނެވެ. ސަރުކާރުގެ ތެރޭގައި އުފެއްދި ޓެކްނޮލޮޖީތައް ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަށް އެންއެސްއައިއެލް އިން ވަނީ 70 އަށްވުރެ ގިނަ ޓެކްނޮލޮޖީ ޓްރާންސްފަރ އެގްރީމެންޓްތަކުގައި ސޮއިކޮށްފައެވެ.

މިއަދުގެ އަސްކަރީ އޮޕަރޭޝަންތައް ބޮޑުތަނުން ބަރޯސާވަނީ ޖައްވީ ނިޒާމުތަކަށެވެ. 2019 ގައި އުފެއްދި 'ޑިފެންސް ސްޕޭސް އޭޖެންސީ' އިން އަންނަނީ އަސްކަރީ ޖައްވީ ހަރަކާތްތައް ވިލަރެސްކުރަމުންނެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ 'ސްޕޭސް-ބޭސްޑް ސަވައިލަންސް ފޭސް-3' އެވެ. 26968 ކްރޯޑް ރުޕީސްގެ މި މަޝްރޫއުގެ ދަށުން 52 ސެޓެލައިޓް އުފެއްދުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 31 ސެޓެލައިޓް އުފައްދާނީ އަމިއްލަ ކުންފުނިތަކުންނެވެ. ބާކީ 21 ސެޓެލައިޓް އުފައްދާނީ އިސްރޯއިންނެވެ.

ހަނގުރާމައިގެ ހާލަތްތަކުގައި ސެޓެލައިޓްތަކަށް ގެއްލުންވުމުގެ ބިރު ބޮޑުވަމުން އަންނައިރު، އިންޑިއާގެ އަމިއްލަ ޖައްވީ ކުންފުނިތައް ގިނަވުމަކީ، ކުއްލި ހާލަތްތަކުގައި އަވަހަށް ސެޓެލައިޓްތައް ބަދަލުކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންދާނެ ކަމެކެވެ. މިއީ ސެޓެލައިޓްތަކުގެ ފެންވަރެކޭ އެއްފަދައިން މިއަދު އެންމެ މުހިންމުވެފައިވާ އެއް ކަންތަކެވެ. ޕްރައިވެޓް ސެކްޓަރ އިން ޖައްވީ ސެންސަރުތަކާއި ޚިދުމަތްތައް ފުޅާކުރަމުންދާއިރު، މިއީ އިންޑިއާގެ ގައުމީ ސަލާމަތާއި ދިފާއީ ބާރުވެރިކަމަށް ލިބިގެންދާ އައު އިތުބާރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!