ޚަބަރު

ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ 2026 / ފޮޓޯ: ޕީއެސްއެމް

އަންނަން އޮތް ޖީލުތަކުގައި ދީނީ ޝިއާރުތައް ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި 300 އަށްވުރެ ގިނަ ބައިވެރިންނާ އެކު ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާ މިއަދު މާލޭގައި ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޚާއްޞަ ބައްދަލުވުން ނިމުމަށް ފަހު، ހުޅުމާލޭގައި އަލަށް ބިނާކުރާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މި މަހާސިންތާގެ ބައިވެރިން ރަސްމީ ސިފައެއްގައި ބައިވެރިވާނެކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ މަތިން ފަރުމާކޮށްފައިވާ "ޒުވާން ޚަތީބުން" ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްފުށުގައި އިމާމުންނާއި ޚަތީބުން ލިބުމުގައި އޮތް ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދީ، ޅަފަތުގައި މި ރޮނގުން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަށް ފެށި މަސައްކަތެކެވެ. މީގެ އަމާޒުފަތްގަނޑަކީ ގްރޭޑް 10 އަކުން ފެށިގެން 12 އާ ދެމެދު ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި، ސްކޫލް ނިމިފައި ތިބި އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާތަނަށް މި ޕްރޮގްރާމްގެ ފަސް ބުރެއް ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާއިރު، ޖުމްލަ 700 އަށްވުރެ ގިނަ ކުދިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްހާސް ޒުވާން ޚަތީބުން އުފެއްދުމަކީ އެ ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!