ޚަބަރު

ޑޮލަރުގެ ޤާނޫނަށް ގެނައި ބަދަލާ އެކު މަހެއް ތެރޭ ނަތީޖާ ފެންނާނެ: އޭޖީ އުޝާމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް / ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ މަޤުޞަދުގައި ސަރުކާރުން ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އެދެވޭ ކުރިއެރުންތަކެއް ފެންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، މި ހިނގާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ޤާނޫނާއި ގަވާއިދުތަކަށް ގެނެވުނު އިސްލާޙުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީގެ ސާޅީސް އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކުރެވިފައެވެ. އެހެންކަމުން، ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއަށް ބިނާކޮށް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތަކުން މި ފައިސާ މާރުކުރަންޖެހޭނެތީ، އޭގެ ހެޔޮ އަސަރު މުޅި އިޤްތިޞާދަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ގެނެވުނު ޤާނޫނީ ބަދަލުތަކަށްވެސް އުޝާމް އަލިއަޅުއްވާލެއްވިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓަރީ ނުކޮށް، އަދި އެ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމަކީ މިހާރު ޤާނޫނީ ކުށެއްކަން ފާހަގަކުރައްވައި، އެފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނުގެ އިތުރުން ބޭރު ފައިސާއާބެހޭ ޤާނޫނަށް ފުރިހަމައަށް ބޯލެނބުމަށް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އާންމުންނާއި ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. ޑޮލަރުގެ އަގު ނުހައްޤުން އުފުލިގެންދާ މައްސަލަ ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އެންމެހާ މުއައްސަސާތައް ގުޅިގެން މިހާރުވެސް ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންކަމަށް މި ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!