ޚަބަރު

ތުރުކީގެ އޭކޭ ޕާޓީގެ ވަފުދަކުން ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ތުރުކީގެ އޭކޭ ޕާޓީގެ ވަފުދަކުން ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމަށްޓަކައި، ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީގެ ވަފުދަކުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ރަސްމީ ބައްދަލުކުރެއްވުމުގައި ތުރުކީގެ ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ. މި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އަޚުވަންތަ ގުޅުން އައު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި ވިޔަފާރީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށާއި، ސަގާފީ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވަނީ އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އުފެދިފައިވާ ގާތް ރަޙުމަތްތެރިކަން ކުރިއަށް އޮތް ތާނގައި ވެސް ބަދަހިކަމާ އެކު ދެމެހެއްޓުމުގެ ޔަޤީންކަން ދެއްވަމުންނެވެ.