ޚަބަރު

މައްކާއަށް އަމާޒުކޮށް ހޫތީން ފޮނުވާލި ޑްރޯން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

މުސްލިމުންގެ އެންމެ މުޤައްދަސު ބިމުގެ ހުރުމަތް ކެނޑޭގޮތަށް، ހޫތީ ޖަމާޢަތުން މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ހަމަލާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރައްވައިފިއެވެ.

މީސްމީޑިއާ މަންސަ 'އެކްސް'ގައި ހިއްސާކުރެއްވި ބަޔާނެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާއާ އެކު ސާބިތުކަންމަތީގައިކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އުންމަތުގެ ހިތްތަކާ ގުޅިފައިވާ މާތް ބިމުގެ އަމާންކަން ނަގާލުމަށް ދެވޭ މިފަދަ ކޮންމެ ހަމަލާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިއީ މުޅި އިސްލާމީ ދުނިޔެއަށް ލިބިގެންދާނެ ނުހަނު ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ހައްޖުވެރިންނާއި އުމްރާކުރާ ފަރާތްތަކުގެ އިތުރުން މައްކާގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސައުދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން އެޅި ހަލުވި ފިޔަވަޅުތަކަށް ރައީސް ޑރ. މުޢިއްޒު ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން، ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، މަޝްވަރާއާއި ސުލްހައިގެ މަގު އިހުތިޔާރުކުރުމަށް ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ސައުދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ހާމަކުރައްވާފައިވާ ގޮތުގައި، މައްކާއާ ދިމާލަށް އައި މި ޑްރޯން ވައްޓާލާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މަނާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ. މިއީ އަޅުކަންކުރަން ތިބޭ ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފައްދައި، އާންމުންނަށް ގެއްލުން ދިނުމުގެ ނިޔަތުގައި ދިން ނިރުބަވެރި ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުޤައްދަސު ދެ ހަރަމްފުޅާއި އެތަންތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތަކީ ހުރަސްނުކުރެވޭނެ "ރަތް ރޮނގެއް" ކަމަށް އަލް މާލިކީ އިންޒާރު ދެއްވާފައިވާއިރު، ހޫތީން ވަނީ މީގެ ކުރިން ވެސް މައްކާއަށް ހަމަލާދޭން އުޅުނުކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޖަމާޢަތުން ބުނަމުންދަނީ މާތްވެގެންވާ ތަންތަނަށް އެމީހުން ދުވަހަކު ވެސް ހަމަލާ އަމާޒު ނުކުރާނެ ކަމަށެވެ.