ޚަބަރު

ކުޅުދުއްފުށީގައި އަޅާ އިސްލާމީ މަރުކަޒުގައި 1000 މީހުންނަށް ނަމާދު ކުރެވޭނެ: ވަޒީރު ޝަހީމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޅުދުއްފުށީގެ އިސްލާމީ މަރުކަޒުގެ ކުރެހުމެއް--

ކުޅުދުއްފުށި ސިޓީގައި އަޅާ އިސްލާމީ މަރުކަޒުގައި 1000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުޅުދުއްފުށީގައި އަޅާ އިސްލާމީ މަރުކަޒުގެ ޑިޒައިންގެ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.

އަދި އެ ތަނުގައި 1000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ އެ ތަނުގައި ލައިބްރަރީއަކާއި ހޯލް އަކާއި ކްލާސްރޫމް ވެސް ހުންނާނެ ކަމަށެވެ.

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒު ބިނާކުރަނީ ވޭވުލެންތު ކުންފުންޏާ ހަވާލުކޮށްގެންނެވެ. ތިރީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުއަށް ކުޅުދުއްފުށީގެ މުހައްމަދު ކަލޭފާނު ބަނދަރުގެ އިރުމަތިން 62،500 އަކަފޫޓްގެ ބޮޑު ބިމެއް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

ކުޅުދުއްފުއްޓަކީ މިހާރު 10،000އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. އަދި ގިނަ ބަޔަކު ބޭސް ފަރުވާއަށް ވެސް ގޮސް އުޅޭ ރަށެކެވެ.