ކުޑަހުވަދޫ ހޮޓަލެއް ބަލައި، ފާސްކޮށް މަސްތުވާތަކެއްޗާ އެކު 3 މީހަކު ހައްޔަރުކޮށްފި
ކުޑަހުވަދޫ ހޮޓަލެއް ބަލައި، ފާސްކޮށް މަސްތުވާތަކެއްޗާ އެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރ ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ)އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) ކަމަށެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު 19ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.