އަވަހާރަވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މޫނު ދެއްކުން ހަވީރު ހަތަރެއްގައި ފަށަނީ
އަވަހާރަވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީގެ މޫނު ދެއްކުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
އުމުރުން 67އަހަރުގައި ޑރ. މުހައްމަދު އަލީ އިއްޔެ އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކަށު ނަމާދު ޕޭޖުން ދައްކާ ގޮތުން ޑރ. މުހައްމަދު އަލީގެ މޫނު ދެއްކުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު އިސްލާމީ މަރުކަޒުގައި ފަށާނެއެވެ. އަދި ފަސްދާނުލުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުއެވެ.
ޑރ. މުހައްމަދު އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
އޭނާއަކީ އިޖުތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ބޭފުޅެކެވެ.