ހިރިލަންދޫގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އެސްޖޭއާ ހަވާލުކޮށްފި
ތ. ހިރިލަންދޫގައި މަހުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލްގެ ދަށުން އެ ރަށުގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ބިނާކުރުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފިއެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީން މައުލޫމާތު ދޭގޮތުގައި މި ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނެނީ މައިގަނޑު ކޯލްޑް ސްޓޯރޭޖުގެ އިތުރުން ދުވާލަކު 10 މެޓްރިކް ޓަނުގެ މަސް ގަނޑުކުރެވޭނެ ބްލާސްޓް ފްރީޒަރަކާއި، ސުން ޑިގްރީގައި ބެހެއްޓޭ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރުމަށް ހާއްސަކުރެވިފައިވާ ޖާގައަކާއި ކޮމްޕްރެސަރ ރޫމެއް ތަރައްގީކުރުމެވެ. ހަމައެއާ އެކު، މުޅި އިމާރާތުގެ ބޭރުގެ މަސައްކަތްތަކާއި، ކަރަންޓުގެ ވިއުގަ އެޅުމާއި، ބެކަޕް ޖަނަރޭޓަރު ބެހެއްޓުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމާއި އީއެލްވީ ނިޒާމުތައް ފުރިހަމަކޮށް، މުޅި ސައިޓު އޮޕަރޭޝަނަށް ގެނައުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
އެއްހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ހިރިލަންދޫއަކީ އިގުތިސާދީގޮތުން ސީދާ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް އެ ރަށަށް ކިރުވާއިރު، މަސްވެރިކަން ތިޔާގި ދުވަސްވަރު މި އަދަދު 50 ޓަނަށްވުރެ މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން، ރަށުގެ ދިހަވަރަކަށް ފަރާތުން ފުޅާ ދާއިރާއެއްގައި މަސް ކެއްކުމާއި، ހިއްކުމުގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިހާތަނަށް ރަށުގައި ރަނގަޅު ފެންވަރުގެ ފިނިކުރާ ނިޒާމެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މި އައު ފެސިލިޓީއާއެކު ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަސް ޕްރޮސެސްކުރާ ފަރާތްތަކަށް ހުއްޓުމެއްނެތި ރޯމަސް ލިބޭނެ މަގުފަހިވެ، ބާނާ މަސް އުކާލަން ނުޖެހި، މަސްވެރިންނަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެ، ރަށުގެ މުޅި އިގުތިސާދަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ.