ތިމާވެށީގެ މަސައްކަތްތަކަށްދޭ "ވިލުންވެށި" އެހީ ކުންފުނިތަކަށް ހުޅުވާލަން ނިންމައިފި
"ވިލުންވެށި ގްރާންޓް" އަންނަ އަހަރުން ފެށިގެން ވިޔަފާރި ކުންފުނިތަކަށް ވެސް ހުށަހެޅޭނެ ގޮތް ހަމަޖައްސަން ސަރުކާރުން ނިންމައިފިކަން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު އިޢުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާތަނަށް ހަމައެކަނި އާންމު ފަރުދުންނަށް ޚާއްޞަކޮށްފައިވާ މި ޕްރޮގްރާމަށް އޮތް ތަރުހީބު ބޮޑުވުމާ އެކު، އައު ޕްރޮޕޯޒަލްތަކަށް އަންނަ އަހަރު ފުރުޞަތު ދޭއިރު ކުންފުނިތައް ވެސް ޝާމިލުކުރާނެ ކަމަށާއި މި ބަދަލާ އެކު، ކުންފުނިތަކަށް ދޫކުރާ ފައިސާގެ ޢަދަދު، މިހާރު ފަރުދުންނަށް ދޫކުރަމުންދާ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުކުރަން ގަސްދުކުރައްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު، ތިމާވެއްޓާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މި މަޝްރޫޢުގެ ދަށުން، މިދިޔަ ޖޫން މަހު ހުށަހަޅާފައިވާ 150 ޕްރޮޕޯޒަލެއް ވަޒަންކުރުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތެއް ހޮވައި، އަންނަ ނޮވެމްބަރު މަހު އިޢުލާނުކުރާނެއެވެ.
އީޖާދީ ވިސްނުންތައް ހުރި ގިނަ ސްޓާޓްއަޕްތަކެއް، މާލީ އެހީތެރިކަމެއް ނެތުމުގެ ސަބަބުން ޚިދުމަތަށް ނުނުކުމެވިފައި އެބަތިބިކަން ވަޒީރު ޝަރީފު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ފަންޑު ދޫކުރުމުގައި ބޭންކުތައް ބައިވެރިކުރަނީ، ރާއްޖޭގެ ބޭންކުތަކަކީ "ގްރީން ކްލައިމެޓް ފަންޑު" ފަދަ ބައިނަލްއަޤުވާމީ ފަންޑުތަކުގެ މިންގަނޑުތަކަށް ފެތޭ، އެކްރެޑިޓްކުރެވިފައިވާ މުއައްސަސާތަކަކަށް ހެދުމުގެ ބޭނުމުގައިކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ.