ވައިގެ ސާފުމިން ވަޒަންކުރާ ހަތަރު މަރުކަޒެއް މި އަހަރުތެރޭ ޤާއިމުކުރަނީ
ދުންފިނީގެ ސަބަބުން ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ވައިގެ ސާފުމިން ބަލާ ހަތަރު ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ގަލޮޅުގައި މިހާރު ވަނީ އެއް ސްޓޭޝަން ބަހައްޓައި އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި ބާކީ ހުރި ތަންތަނުގައި ވެސް މިއަހަރުގެ ފަހުކޮޅުގެ ކުރިން މޮނިޓަރިންގ ނިޒާމުތައް ހަރުކޮށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން ހަތް ރަށެއްގައި މިހާރު ވެސް އެއަރ ކޮލިޓީ ބަލަހައްޓާ މަރުކަޒުތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫގެ އިތުރުން، އައްޑޫ އަދި ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ލ. ގަން އަދި ކ. ވިލިނގިލި ހިމެނެއެވެ. މި ނިޒާމުތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ފަސޭހައިން ވައިގެ ހާލަތު ވަގުތުން ވަގުތަށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދޭ ބޯ ދުންތައް ވައިގެ އޮއިވަރާ އެކު ރާއްޖެއާ ދިމާލަށް ދަތުރުކުރުމުގެ ސަބަބުން، ޖައްވު ނުސާފުވެ ދުރުފެންނަ މިންވަރު ކުޑަވުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މިދިޔަ އަހަރު ވެސް މި ހާލަތު މެދުވެރިވެގެން، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިރުޝާދު ދީފައިވެއެވެ.
މިފަދަ ދުވަސްވަރުތަކުގައި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވައިގެ ކޮލިޓީ ހުރި މިންވަރުގެ ސައްހަ މައުލޫމާތު ވަގުތުން ރައްޔިތުންނަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމަކީ މި ސްޓޭޝަންތައް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދުކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.