ޚަބަރު

މިނިސްޓްރީތައް ހިންގާ ތިން އިމާރާތުގައި ރޯވީ ކަރަންޓު ޝޯޓުވެގެން: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަލިފާނުގެ ހާދިސާ އާ ގުޅިގެން ގްރީން ބިލްޑިންއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި / ފޮޓޯ:އެމްއޭސީއެލް

މިނިސްޓްރީތައް ހިންގާ ތިން އިމާރާތުގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

އެންވަޔަރަމަންޓްއާއި، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތުގައި ރޯވީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އެ އަލިފާނުގައި އެ އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އަލިފާނުގެ ތަހުގީގު އިންޑިއާގެ ޓީމަކުން ކޮށްފައިވާ ކަމަށެވެ.

އަދި އެ ޓީމުގެ ރިޕޯޓާ ހަވާލާދެއްވައި އޭނާ ވިދާޅުވީ އަލިފާން ރޯވީ ކަރަންޓު ޝޯޓު ސާކެޓެއްގެ ސަބަބުން ކަމަށެވެ. އަދި ރޯވެފައިވާ ކަރަންޓު ނަރުތަކަކީ އިމާރާތުގެ ދަތި ދޭތެރެތަކުގައި ސީލިންގު ތެރެއިން އެކި ޑަކްޓުތަކުގެ ތެރޭގައި ހުރި ނަރުތަކެއް ކަމުން އެ އަލިފާންތައް ހޯދައި ނިއްވާލުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ހުޅުގަނޑު ހިފައިގެން ގޮސް ފެތުރިގެންކަން ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ އިމާރާތުގައި ބަޔަކު ރޯކޮށްލީ ކަމަށް ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ.