ޚަބަރު

18 އަހަރުގެ އަންހެން މީހާ މަސްތުވާތަކެއްޗާ ހަވާލެއް ނުވި، ބުނީ ލޯބިވެރިޔާގެ ތަކެތި ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރި 18އަހަރުގެ އަންހެން މިހާ ދިރިއުޅުނު ތަނުން ފެނުނު ތަކެއްޗަކީ ލޯބިވެރިޔާގެ ތަކެތި ކަމަށް އޭނާ ބުނެފިއެވެ.

ބ. ކިހާދޫއަށް ނިސްބަތްވާ އެ ރަށު ޒުވާރިމާގެ، އާމިނަތު ޝަހާމާ ހަމީދު ހައްޔަރުކުރީ ރ. މަޑުއްވަރި / ރަންތަރި، މުހައްމަދު ނަޖީހު (31އ)އާއި އެކުއެވެ.

އެ މައްސަލައިގައި ޝަހާމާ ފުރަތަމަ ބަންދުކުރީ ހަތް ދުވަހަށެވެ. އަދި ފަހުން ހަތް ދުވަށެވެ. ޝަހާމާގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 15 ދުވަސްވެސް ޖަހައިދީފައެވެ.

ބަންދުގެ މަޖިލީހުގައި ޝަހާމާ ބުނީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ލޯބިވެރިޔާގެ ތަކެތި ކަމަށާއި އަދި އެ ތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މީގެ ކުރިން ނެރުނު ބަންދު އަމުރުގައިވާ ގޮތުން

  • ޝަހާމާ ދަބަހުގައި އޮތް ތަޅުދަނޑިން އޭނާ ދިރިއުޅޭ ކަމަށް ބުނާ ކޮޓަރީ ހުޅުވާ ބެލިއިރު އެއް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ އެއް ޖޫސް ޕެކެޓް ފެނިފައިވޭ
  • މަސްތުވާތަކެތި ބަންދުކޮށް ވިޔަފާރިކުރުމަށް ގެންގުޅޭ ކައްޓާއި ރަބަރު ޕެކެޓު ކޮޓަރީގެ އެކ ތަންތަނުން ފެނުނު. އަދި އެތަނުން އެއް ކައްޓާއަކީ ޝަހާމާ ގެންގުޅޭ އެއްޗެއް ކަމަށް ވެސް އޭނާ ބުނެފައިވޭ
  • އެ ތަކެތި ފެނުނު ކަބަޑާއި އަލަމާރި މަތިން އަދި ކޮޓަރީގެ އެކި ތަންތަނުން ގުޅޭ ލިޔުންތައް ފެނުނުއިރު އަދި ފެނުނު ތަކެތީގެ ބަރުދަނުގައި 18.14ގްރާމްގެ ހެރޮއިން އަދި 0.45ގްރާމްގެ މެތު ފެނިފައިވޭ

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝަހާމާ ދަނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.

ޝަހާމާއާ އެކު ހައްޔަރުކުރި ރ. މަޑުއްވަރި / ރަންތަރި، މުހައްމަދު ނަޖީހު މިހާރު ހުރީ 30 ދުވަހަށް ބަންދުކޮށްފައެވެ.