"ޖުންޖުލާ" ބަލާލައިގެން އައިފޯން 18 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު!
ކްރިއޭޓިވް ނެޓްވޯކުން އުފައްދާ މީޑައާނެޓުގެ އޮރިޖިނަލް، ކްރައިމް ތްރިލަރ ސީރީޒް "ޖުންޖުލާ" ބަލާލައިގެން އައިފޯން 18 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު މީޑިއާނެޓުން ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، 'އެމް.ޓީ.ވީ މޮބައިލް' ގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށްވެސް މި ފޯނު ހޯދުމުގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ. ނޮވެމްބަރު 15، 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް mm.medianet.mv މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭނެއެވެ. މި ޕްރޮމޯޝަނުގައި ޝަރުތުތަކެއް ކަނޑައެޅިފައިވެއެވެ.
"ޖުންޖުލާ" ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 ވާ ހޮނިހިރު ދުވަހު ވީޑިއޯކްލަބްގައެވެ. ލޯންޗުކުރާ ދުވަހު ފުރަތަމަ ދެ އެޕިސޯޑު ނެރޭއިރު، އޭގެ ފަހުން ކޮންމެ ހަފްތާއަކުވެސް އާ އެޕިސޯޑެއް ނެރެމުންދާނެއެވެ.
ކްރިއޭޓިވް ނެޓްވޯކްގެ ފީޗަރ ފިލްމު "ލީލީ" ވެސް ޑައިރެކްޓްކުރި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑުގެ މި ދިވެހި ސީރީޒްގައި ފެނިގެންދާނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޒާރާ ކަރީމް (ކާމިޔާބު ބަތަލާ ވާޝިޔާ މުޙައްމަދު) އާއި އޭނާގެ ޕާޓްނަރު ޒުހައިރު ކޮންމެ އެޕިސޯޑެއްގައިވެސް އައު މައްސަލައަކާ ހަވާލުވާ މަންޒަރެވެ. ނުތަނަވަސް އިންޓަރޮގޭޝަންތަކާއި ފްލޭޝްބެކްތަކުގެ ތެރެއިން ކޮންމެ މައްސަލައެއްގެ ޙަޤީޤަތް ހޯދަމުންދާއިރު، ޒާރާގެ އަމިއްލަ މާޒީގެ ސިއްރުތައްވެސް މަޑުމަޑުން ގާތްވަމުން އަންނާނެއެވެ.
ސީރީޒްގެ ފުރަތަމަ އެޕިސޯޑު "ފަހު ފިލާވަޅު" ބިނާވެފައިވަނީ ގިނަ އަހަރުތަކަކަށްފަހު ލީޑް ރޯލަކުން ފެނިގެންދާ ތަޖުރިބާކާރު ބަތަލާ މަރިޔަމް ނިޝާގެ މައްޗަށެވެ. ޤައުމީ ފިލްމު އެވޯޑު ހޯދާފައިވާ ނިޝާ މި އެޕިސޯޑުން ފެނިގެންދާނީ މީގެ ކުރިން އޭނާ ނުފެންނަ ފަދަ ތަފާތު ރޯލަކުންނެވެ. ސީރީޒްގެ ޓީޒާވެސް ފެށިގެން އަންނަނީ އޭނާގެ ހިނިގަނޑަކުންނެވެ. ލޯންޗުކުރާ ދުވަހު ނެރޭ ދެވަނަ އެޕިސޯޑަކީ "މުކައްޒިބީން" އެވެ.
އެމް.ޓީ.ވީ މޮބައިލްގެ މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް ކުރިއަށްދާއިރު، ކުރީކޮޅު ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތާއެކު، ސީރީޒްގެ ގިނަ އެޕިސޯޑުތަކެއް ހަފްތާއިން ހަފްތާއަށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.