25th September 2026, Friday

ޚަބަރު

20 އަހަރުގެ މާސްޓަޕްލޭން ހިމާޔަތްކުރަން ހާއްސަ ގާނޫނެއް ދަނީ އެކުލަވާލަމުން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"ނޭޝަން ޗެޓް" ޕޮޑްކާސްޓް" ރައީސް މުއިއްޒު --

ގައުމީ ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، މި ސަރުކާރުން 2040ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20އަހަރުގެ މާސްޓަރޕްލޭން، ގާނޫނީ ގޮތުން ހިމާޔަތްކުރުމުގެގޮތުން، ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ހާމަކުރެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް"ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި މީގެ ކުރިން ކަންތައްތައް ހިނގަމުން އައި ގޮތަށް އަލިއަޅުއްވާލައްވަމުން، އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އަނެއް ސަރުކާރެއް އައުމުން ހުއްޓި، ގައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދާ ކަމަށާ، އެކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ކުރިއެރުންތައް ނުލިބި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ގައުމުގެ ތަރައްގީގެ ރާސްތާ ކަނޑައަޅައި، 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް، 20އަހަރުގެ މާސްޓަޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، އެ ޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ޕްލޭން ހިމާޔަތްކޮށް، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކުރެވޭނެ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ހާއްސަ ގާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ ޕްލޭނެއް ނެތި ކުރާ މަސައްކަތަކަށް ވެއްޖެނަމަ، އަބަދުވެސް ފެންނާނީ ފަހަތަށްދާ މަންޒަރު ކަމަށާއި، ދުރުރާސްތާގެ ޕްލޭނެއް އޮވެގެން މަސައްކަތްކޮށްފިނަމަ، އޭގެ ހަގީގީ ފައިދާ ރައްޔިތުންނަށް ކުރާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.