ޚަބަރު

ހިމަބިހި ކޮންޓްރޯލް ކުރެވި، މިހާރު އެކްޓިވް ކޭހެއް ނެތް: ވަޒީރު ޤީލާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ފަހަކަށް އައިސް ފެތުރެމުންދިޔަ ހިމަބިހީގެ ކޭސްތައް ކާމިޔާބުކަމާ އެކު ކޮންޓްރޯލްކުރެވި، މި ވަގުތު ބަލީގެ އެއްވެސް އެކްޓިވް ކޭހެއް ނެތްކަން، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން އަލުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާއިރު، މިހާތަނަށް ޖުމްލަ 282 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިފަހަރުގެ ކޭސްތައް ފެތުރެން މެދުވެރިވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި އެތެރެވާ މީހުންގެ ފަރާތުން ކަމަށް ބެލެވެއެވެ. އަދި ބޭރުން އަންނަ ފަރާތްތަކުގެ ކިބައިން ބަލި ފެންނަ ހާލަތްތަކުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަބަދުވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެކްސިންކަން ފާހަގަކުރައްވައި، ފަހުގެ ކެމްޕޭނުގެ ދަށުން ސޯޅަ ހާހަށްވުރެ ގިނަ ފަރާތްތަކަށް ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިން ދީފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ރާއްޖެ ހިމެނެނީ މި ސަރަހައްދުން މި ފަޚުރުވެރި ކާމިޔާބީ ހޯދި ދެ ޤައުމުގެ ތެރޭގައެވެ. ކުޑަކުދިންނަށް ދޭ ޤައުމީ ވެކްސިން ތާވަލުގައި 1983ވަނަ އަހަރުން ފެށިގެން މި ބަލީގެ ވެކްސިން ދެމުން އާދެއެވެ. ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމުގައި ރާއްޖޭގެ ސިއްޙީ ނިޒާމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި، ވެކްސިން ޑޯޒްތައް ފުރިހަމަކުރުމާ އެކު އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.