މަތީ ސާނަވީ އިމްތިޙާނަކީ ދަރިވަރުންގެ މުސްތަޤުބަލުގެ މައިގަނޑު އަސާސް: ރައީސް
މަތީ ސާނަވީ އިމްތިޙާނަކީ ތަޢުލީމީ ޙަޔާތުގެ މިސްރާބު ކަނޑައަޅައިދޭނެ އެންމެ މުހިއްމު އެއް މަރުޙަލާކަން ފާހަގަކުރައްވައި، އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި މެސެޖުގައި ބަޔާންކުރައްވާފައި ވަނީ، ވަޒީފާގެ މައިދާނަށް ނުކުތުމަށާއި ޚާއްޞަގޮތެއްގައި މަތީ ތަޢުލީމުގެ ދާއިރާތައް އިޚުތިޔާރުކުރުމުގައި އޭލެވެލް އިމްތިޙާނުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އިމްތިޙާނާ ކުރިމަތިލާ ދަރިވަރުންނާއި، އެކުދިންގެ އާއިލާތަކާއި، ސްކޫލްތަކަށް ހެޔޮއެދުންތައް ފޮނުއްވަމުން، އެމަނިކުފާނު ވަނީ ދަރިވަރުން ގަދައަޅައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފޮނިވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ﷲގެ ތަނަވަސް ރަޙުމަތާ އެކު ދަރިވަރުންނަށް ފަސޭހަކަމާ އެކު އިމްތިޙާނުތައް ނިންމާލެވި، މުޅި ޤައުމު ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ހާސިލުކުރުމަށް އެމަނިކުފާނު އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ މަހުގެ 27އިން ފެށިގެން އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މަތީ ސާނަވީ އިމްތިޙާނުގައި މުޅި ރާއްޖެއިން 4973 ދަރިވަރުން އޭލެވެލް ހަދާނެއެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 2263 ދަރިވަރުން ބައިވެރިވާއިރު، މި އިމްތިޙާނުތައް ރާއްޖޭގެ 53 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ 4 މަރުކަޒަކުން އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި، އަތޮޅުތެރޭގެ 49 މަރުކަޒެއްގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ.
މިއީ މަތީ ސާނަވީ އަދި ސާނަވީ އިމްތިޙާނު އެއް ދުވަސްވަރެއްގައި ރާއްޖޭގައި ކުރިއަށްދާ ފަހަރެކެވެ. އެގޮތުން، މި މަހުގެ 20ވަނަ ދުވަހު ފެށުނު އޯލެވެލް އިމްތިޙާނުތައް އަންނަ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.