ޚަބަރު

ތިން ވަޒީރަކާ އެކު "އަހާ" ފޯރަމް މިރޭ ބާއްވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
"އަހާ" ފޯރަމްގައި މިރޭ ބައިވެރިވެވަޑައިގަންނަވާ ތިން ވަޒީރުން / ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ ސީދާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އިތުރު ބުރެއް މިރޭ 21:00ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިރޭގެ ފޯރަމްގައި ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގެން، އެ ބޭފުޅުންގެ ދާއިރާތަކާ ގުޅޭގޮތުން އާންމުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް އަލިއަޅުއްވާލައްވާނެއެވެ. އެގޮތުން މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ ކުޅިވަރާއި ހަށިހެޔޮކަމާ އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ފަންނިއްޔާތާއި މަސައްކަތްތެރިކަމާއި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ދެ ގަޑިއިރަށް ދެމިގެންދާނެހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުޅާ ފުރުޞަތެއް ވަނީ ފަހިކޮށްދީފައެވެ. މިގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެގެންނާއި، ޕީއެސްއެމްގެ އެއަރ އެޕްލިކޭޝަން ބޭނުންކޮށްގެން ވެސް ވަޒީރުންނަށް ސުވާލުތައް އަމާޒުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި 2024ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މި ސިލްސިލާ ފޯރަމްތަކަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ.