ޚަބަރު

އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ މަސައްކަތް އެމްޑަބްލިއުއެސްސީއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)

ރާއްޖޭގެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދިޔަ ފެނާއި ނަރުދަމާގެ ޚިދުމަތްތައް، އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ބޭނުމުގައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށްޓަކައި މިއަދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ބަދަލު ގެނައުމަށްޓަކައި ވެވުނު މުހިންމު އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީ ތަމްސީލުކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ފެނަކައިގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިނެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ދެމުންގެންދާ އަސާސީ މި ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، އިތުބާރާ އެކު ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމެވެ.

ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، މިހާތަނަށް ފެނަކައިން ބަލަހައްޓަމުންދިޔަ އޮޕަރޭޝަންތަކާއި، ޢުމްރާނީ ވަސީލަތްތަކުގެ އިތުރުން ކުރިއަށްދާ މަޝްރޫޢުތައް އެމްޑަބްލިއުއެސްސީއާ ރަސްމީކޮށް ހަވާލުކުރެވޭނެއެވެ. ހަމައެހެންމެ، ކަސްޓަމަރުންގެ މަޢުލޫމާތާއި، އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކާއި އިންވެންޓްރީތައް ވެސް ކަނޑައެޅިފައިވާ ޚާއްޞަ އުސޫލުތަކެއްގެ މަތިން ޔަޤީންކުރުމަށް ފަހު އައު ކުންފުންޏަށް ބަދަލުކުރެވިގެންދާނެއެވެ.

އިންތިޤާލީ މި މަރުޙަލާ ކުރިއަށްދާއިރު، އާންމު ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތުގެ ފެންވަރަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުކުރުމަށްޓަކައި ދެ ކުންފުނި ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން، ލިޔެކިޔުންތައް ހަމަކޮށް، އޮމާންކަމާ އެކު ޚިދުމަތްތައް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދެމެދުގައި ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.