ޚަބަރު

އަބުޗާ ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަބުޗާ--

ޑްރަގު މައްސަލައެއްގައި 25އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަބްދުﷲ އިބްރާހީމް (އަބުޗާ)ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފިއެވެ.

ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލީ މި މަސް ފެށުނު ތަނާއެވެ.

ނަމަވެސް މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަބުޗާ ދޫކޮށްލަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފައިވާ ކަމަށް ވެސ މިނިސްޓަރު ވިދާޅުވިއެވެ.

އަބުޗާ ފަހުމް މިއަދު ވަނީ އަނބުރާ ޖަލަށް ވެސް ގެންގޮސްފައެވެ.

އަބުޗާ ޕެރޯލްގެ ދަށުން ކުރިން ދޫކޮށްލީ ކިހާ ދުވަހަކަށް ކަމެއް ކަރެކްޝަންސްއިން ނުބުނެއެވެ. އަދި ދޫކޮށްލީ ވަކި ޝަރުތުތަކަކާ އެކު ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ވެސް ނުދެއެވެ. ކުރިން ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލައިފައި ހުންނަ ދުވަސް ވަރު އޭނާގެ ރަނގަޅަށް އުޅޭކަމަށް ބެލެވިއްޖެނަމަ އެއްކޮށް މިނިވަންވާނެއެވެ

ފުލުހުން 2020ވަނަ އަހަރު އަބުޗާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުމަތިން ހައްޔަރުކުރީ 61ކިލޯގެ ޑައަމޯފިން އަދި 17.97ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކުއެވެ. އެ މައްސަލައިގައި އޭނާ 25އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަބުޗާއަށް އެންމެ ފުރަތަމަ އިއްވީ 50އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އިއުތިރާފްގެ އެއްބަސްވުމަކާ އެކު އޭނާގެ ހުކުމް 25އަހަރަށް ކުޑަކުރީއެވެ.

Ads by HDC