ޚަބަރު

ރައީސްގެ މާލީ ބަޔާނާ ގުޅުވައިގެން ފަތުރަމުންދަނީ ކަނޑައެޅިގެން ބުހުތާނު ދޮގެއް: ތަރުޖަމާނު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅުހަދާފައިވާކަމަށް ބުނެ "އަދަދު" ނޫހުން މިއަދު ޝާއިއުކުރި ހަބަރަކީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ފަތުރަމުންދާ ދޮގު މައުލޫމާތެއްކަމަށް އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ތަފްސީލުތައް އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑުކުރެވެން މިހާރު ވެސް ހުންނާނެއެވެ. އަދި މި މައުލޫމާތު އާންމުކޮށް ފެންނަން ހުންނާނެކަން މީގެ ކުރިން ވެސް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް އަންގާފައިވާނެކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅު ކަތިލުމަށްޓަކައި މެދުކެނޑުމެއްނެތި އެ ނޫހުން ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ތުހުމަތުކުރައްވައި، ޝަރީފު ވަނީ އެފަދަ އަމަލުތައް ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންނަށް އޮޅޭގޮތަށް ފަތުރާ މިފަދަ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ތެދު މައުލޫމާތު ހާމަކޮށް، އަސްލު އޮޅުވާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގެ ޔަޤީންކަން ވެސް ތަރުޖަމާނުގެ ބަޔާނުގައި ދެއްވާފައިވެއެވެ.

Ads by Ooredoo