"އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުން މި މަހުގެ 11 އަށް ތާވަލުކޮށްފި
ދައުލަތުގެ ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުން މި މަހުގެ 11ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ މި ސިލްސިލާގެ ކުރިއަށް އޮތް ޕްރޮގްރާމްގައި ސަރުކާރުގެ ތިން ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދާ މި ލައިވް އިވެންޓުގައި، ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ފުރިހަމަ ޖަވާބެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމަށް އާންމުންނަށް މިހާރުވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ޕީއެސްއެމްގެ "އެއަރ އެޕް" މެދުވެރިކޮށް ނުވަތަ ފޯރަމް ކުރިއަށްދާ ވަގުތު އެތަނަށް ހާޒިރުވެ ހުރެގެންވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުކުރެވުނު "އަހާ" ފޯރަމްގެ އަށް ބައްދަލުވުމެއް މިހާތަނަށް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ. ވަޒީރުންނަށް އަމާޒުކޮށްގެން މި ފޯރަމް ކުރިއަށްގެންދާއިރު، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލުތައް ހިއްސާކުރުމަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައިވެސް ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުން އަންނަނީ ސިލްސިލާ ގޮތެއްގައި ހިންގަމުންނެވެ.
