ގެސްޓްހައުސް ވިޔަފާރިއަށް ޚާއްސަ ފައިނޭންސިންގއެއް ތަޢާރަފްކޮށްފި
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުޑަ އިންޓަރެސްޓެއްގައި ޑޮލަރުން އަނބުރާ ދައްކާ ގޮތަށް "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ"ގެ ނަމުގައި އައު ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވައި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން މިއަދު، މި އައު ފައިނޭންސިންގ ސްކީމްގެ ދަށުން ގިނަވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ފައިދާ ރޭޓަކީ އެންމެ 7.5 އިންސައްތައެވެ. އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތު ދޭގޮތުގައި، މި ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. އަދި ފައިސާ ދައްކަން ނުޖެހޭ ގްރޭސް ޕީރިއަޑްގެ ގޮތުގައި 18 މަސް ދުވަސް ކަނޑައެޅިފައިވެއެވެ.
މި ފެސިލިޓީގެ މައިގަނޑު އަމާޒަކީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ މިންވަރު އިތުރުކުރުމެވެ. މި ލޯނު ބޭނުންކޮށްގެން އަލަށް ގެސްޓްހައުސް އެޅުމަށާއި، ހިންގަމުންދާ ތަންތަން ބޮޑުކުރުމަށް ނުވަތަ ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށް އިންވެސްޓް ކުރެވޭނެއެވެ. މީގެ އިތުރުން ވެސް، ވޯކިންގ ކެޕިޓަލް ހޯދުމަށާއި ޓެކްނޮލޮޖީގެ އައު ވަސީލަތްތައް ގާއިމުކުރުމަށް ވެސް މި ފައިސާ ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބަޔާންކުރެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، މިއީ ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ހެޔޮ އަގެއްގައި ފައިނޭންސް ހޯދުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުންފުނިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓްގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
