ޚަބަރު

12 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބެންގްކޮކްއިން ދެ ދިވެހީން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

12ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ބެންގްކޮކްއިން ދެ ދިވެހީން ހައްޔަރުކޮށްފިއެވެ.

ތައިލެންޑްގެ ނޫސްތަކުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އަލީ ރާޝިދު (46އ)އަދި މުހައްމަދު ވިސާމް (34އ)އެވެ.

ދެ މީހުން ހައްުޔަރުކުރީ ފޮށިގަނޑުތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅެނިކޮށް ކަމަށެވެ.

އަދި އެ މީހުން މަސައްކަތް ކުރީ އެ ތަކެތި ފޮނުވަން ކާގޯ ކުންފުންޏަކާ ހަވާލުކުރަ ކަމަށް ވެސް ބުނެފައިވެއެވެ.

ސްޓެއިންލެސް ސްޓީލް ފޮށިތަކެއް ރަނގަޅަށް ބަންދުކޮށްފައި ހުރިއިރު އޭގެން ވަރަށް ވަސްދުވާތީ ކާގޯ ކުންފުނީގެ މުވައްޒަފުން ވަނީ އެތަކެތި ގެންދަން އަންގައި އަދި އެކަން ފަހުން އެ ގައުމުގެ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ފުލުހުން ފަހުން އެ މަސްތުވާތަކެތި އަތުލައިގަތީ އެ މީހުން ދިރިއުޅޭ ތަނުގައި އެ ތަކެތި ބަހައްޓާފައި ހުއްޓައެވެ. އޭރު އެ މީހުން އުޅުނީ އެ ތަކެތި އެހެން ކުންފުންޏެއް މެދުވެރިކޮށް ބޭރަށްފޮނުވުމަށެވެ.

ފުލުހުން އެ ފޮށިގަނޑު ޗެކްުކުރި އިރު ސްޓެއިންލެސް ސްޓީލް ވޯޓާބޮޓަލްތަކެއްގެ ތެރޭގައި 2.3ކިލޯގެ މެތު ހުރިއިރު ކުޑަކުދިންގެ ހެދުންތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 10ކިލޯގެ ކެނެބިސް ބަޑު ވެސް ފެނުނެވެ.

ތައިލެންޑުގައި މަސްތުވާތަކެއްޗާއެކު ދެ ދިވެހީން އަތުލައިގަތްއިރު މިދިޔަ މަހު ވިއެޓްނާމްއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ވަނީ 20އަހަރަށް ޖަލަށްވެސް ލައިފައެވެ.

Ads by Ooredoo