ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި މަޝްވަރާކޮށްފި
ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ގައުމަކަށް ވުމާ އެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ހާޖަތްތަކަށް އިސްކަންދޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމުގެ ގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާލީ ވޯނިން ރޯޑްމެޕް ކޯޑިނޭޝަން މީޓިން"އެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ އެއް މޭޒަކަށް އެއްވެ، ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވެސް ވަނީ ނިންމާފައެވެ.
އެކުލަވައިލުމަށް ނިންމާފައިވާ މި މަގުޗާޓުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:
- މޫސުމީ ވިލުންތެރިކަން އިތުރުކުރުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ވިލުންވެރި، އަދި ކެތްތެރި މުޖުތަމައެއް ބިނާކުރުން. ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުން.
- ލިބެންހުރި ސައިންޓިފިކް މަޢުލޫމާތާއި ޑޭޓާގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ރޭވުންތެރިކަމާ އެކު ދުރާލާ ފިޔަވަޅުތައް އެޅުން.
- އެންމެ ފަހު މީހާއާ ހަމައަށް އިންޒާރު ފޯރުކޮށްދިނުން ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް، އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ގައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު، އުންމީދީ ފިޔަވަޅެއްކަމަށް އެެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
