މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ ބަންދަށް 15 ދުވަސް ޖަހައިފި
މަސްތުވާތަކެއްޗާ އެކު ވިލިމާލެއިން އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ކީ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހް (ޖުމާ), މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދުއެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފައެވެ.
އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ މީހުން ތިބި ތަނުގެ މޭޒު މަތީގައި ހާމައަށް ހުރި މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް އަރާކަންވެސް ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުންދާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، އެފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި ފުލުހުން ދަނީ މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މެދުކެނޑުމެއްނެތި އެންޓި-ނާކޮޓިކްސް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.
