މަސްތުވާތަކެއްޗާ އެކު ކަލައިދޫއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕޫލްކިނާރާ / ލ. އިސްދޫ، ޙުސައިން ޢަލީ (34އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުއެވެ.
ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން ފޭބިއިރު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ގާތު މަޑުކުރަން ބުނުމުން ދުވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ހުއްޓުވައި، އޭނާ ފޮރުވި ތަކެތި ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
